Last Updated: April 15, 18:01
Tuesday, April 15, 2025
ޚަބަރު

ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ ޕައިލެޓުން!

ޕައިލެޓްކަން ކިޔަވައިގެން ރާއްޖޭގައި ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ރާއްޖޭގެ ގިނަ ޒުވާނުން ޕައިލެޓްކަން ކިޔަވަމުންދާއިރު މިހާރު އެ ދާއިރާއިން ވަޒީފާ ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައޮ ދޭން ބޭނުންވާ ކަމަށް ކުރިން ޕައިލެޓަކަށް އުޅުއްވި އަމީން ވިދާޅުވ އެވެ.

އޭނަ ވދާޅުވީ ޕައިލެޓްކަން ކުރި ދުވަސްވަރު ވަޒީފާ ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދަން ވަކާލާތު ކުރެއްވި ކަމަށެވެ.

މިނިސްޓަރަކަށްވުމުގެ ކުރިން ވެސް އެ ވާހަކަދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

"ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ތަމްރީނު ހަދައިގެން އައިސް އެހެން ގައުމަކުން ވަޒީފާ ލިބިފައިވާ މަންޒަރު އަޅުގަނޑުގެ އޭވިއޭޝަން ހަޔާތުގައި ނުދެކެން. އެހެން ގައުމުތަކުގައި ވެސް ޕައިލެޓުކަން ކިޔަވައިގެން ތިބޭ ކުދިންގެ ބޮޑު ބެކްލޮގެއް އޮވޭ،" އަމީން ވިދާޅުވި އެވެ. "އެ ގައުމުތަކުގައި ގާނޫނު ހަދާފައި ވަނީ އެ ގައުމެއްގެ އެއްވެސް އޮޕަރޭޓްކުރާ އެއާލައިނަކަށް އިންޑަކްޓެއް ނުކުރެވޭނެއޭ އެ ގައުމެއްގެ ރައްޔިތަކަށް ނޫނިއްޔާ."

އަމީން ވިދާޅުވީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވަން ބަލާ އިރު، ގޮންޖެހުމެއް ވެސް ކަމަށެވެ.

"މި ވަގުތު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި އެބަތިބި. އެ ކުދިންނަށް ވަޒީފާ ނުލިބިފައި ތިއްބާ މިދިޔަ ސަރުކާރުން ވަނީ ސިޔާސީ މަންފާއަށް 500 އެއްހާ ކުދިންނަށް ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު ވެސް ދީފައި،" އޭނަ ވިދާޅުވި އެވެ. "މިއީ ހަމަ ސިޔާސީ މަންފާއަށް ކޮށްފައިވާ ކަމެއް. ވަރަށް ދެރޭ އަސްލު."

އަމީން ވިދާޅުވީ ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުން ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަނާއި ސީ ޕްލޭންގެ ހިދުމަތް ދޭ ޓީއެމްއޭ އެވެ. އަދި އެ ކުންފުނިތަކުން އަހަރަކު ނަގަނީ 25 ކެޑޭޓް ޕައިލެޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ ކުންފުނިތައް އިތުރަށް ފުޅާކޮށް ޕައިލެޓުންނަށް ވަޒީފާ ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އަންނަނީ ޕައިލެޓްކަން ކިޔަވައިދޭން ފްލައިން ސްކޫލެއް ހިންގަމުންނެވެ. އެއީ އައްޑޫ ގަމުުގައި މޯލްޑިވިއަނުން ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ އެވެ.