Last Updated: April 15, 18:01
Wednesday, April 16, 2025
ޚަބަރު

އީކުއޭޓާގެ މައްސަލާގައި ޓޫރިޒަމްގެ ޓީމެއް އައްޑު އަށް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އިކުއޭޓާ ވިލޭޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އީކުއޭޓަރ ވިލެޖާއި އައްޑޫ އެއާޕޯޓްސް ކޮމްޕެނީ އާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ސާވޭ ޓީމެއް މިއަދު އައްޑޫއަށް އަތުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހިފައިވާ ބިމުގެ ސާވޭއެއް މިއަދު ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ ކޮށްފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޓީމުން މައްސަލަ ޖެހިފައިވާ ބިމުގެ ސާވޭ ހަދާފައިވާ ކަމަށެވެ.

އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަނީ އީކުއޭޓަރ ވިލެޖް ހިންގާ އިމާރާތް ހުންނަ ބިމާއި ވަކިން މަގުގެ އަނެއް ފަރާތުގައި ހުންނަ އިމާރާތެކެވެ. މިއިމާރާތަކީ އިނގިރޭސިން ގަމުގައި ތިބި އިރު ބޭނުން ކުރި އިމާރާތެކެވެ.

އީކުއޭޓަރ ވިލެޖްގެ ސްޓާފުން ތިބޭ އިމާރާތް ހުސް ނުކުރެވި މަސައްކަތް ހުއްޓުމާއި ގުޅިގެން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ބިމުގެ މައްސަލަ މިމަހުގެ 17 ގެ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރަން ނިންމާފައެވެ. މުއްތަލިބު ވިދާޅުވީ މަސައްކަތް ލަސްވާ ނަމަ ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހިދާނެކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މަސައްކަތް ހުއްޓާނުލުމަށާއި އީކުއޭޓަރގެ މައްސަލަ ސަރުކާރުން ހައްލު ހޯދައިދިނުމަށް ގޮވާލަމުންނެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެނަމަ މުޒާހަރާ ކުރާނެކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.