ތުރުކީގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.
އެތަން އިއްޔެ ރަސްމީކޮށް ހުޅުއްވައި ދެއްވީ ހުޅުވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތް ނޫރީ އެރްސޮއިގެ އިތުރުން ރާއް ޖެއިން ތުރުކީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފެވެ.
އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަނުގައި ރާއްޖޭގެ ދިދަ ވެސް ނަގާފައިވެ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތުރުކީއި ރާއްޖޭގެ އެމްބަސީއެއް ގާއިމުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީހީ ކާމިޔާބީއެއް ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށާއި ތުރުކީގައި އުޅޭ ދިވެހިންނަށް ކޮންސިއުލަ ހިދުމަތް ފޯރުކޮށް ދިނުމުގައި އެމްބަސީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
މިނިސްޓަރު ހަލީލު ވިދާޅުވީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެން ދިއުމަކީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށާއި މީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި އިގުތިސޯދާއި ދިވެހި ސަގާފަތް ކުރިއެރުވުމަށާ އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމުގައި އެމްބަސީގެ ދައުރު ބޮޑު ކަމަށެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމިކަން ސަރުކާރުން އިއުލާންކުރީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް 2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި އެ އަހަރުގެ ޑިސެމްބަރު މަހު ތުރުކީ އަށް ކުރެއްވި ދަތުރުގަ އެވެ.