Last Updated: April 16, 21:01
Wednesday, April 16, 2025
މުނިފޫހިފިލުވުން

'ކޮކްޓެއިލް 2' ގެ ޝޫޓިން އޮގަސްޓަށް

ޝާހިދު ކަޕޫރާ އެކު ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ "ކޮކްޓެއިލް 2" ގެ ޝޫޓިން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ އެ ފިލްމުގެ ޑައިރެކްޓަރަކީ 2012 ގައި ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޑަޔާނާ ޕެންޓީ ހިމަނައިގެން "ކޮކްޓެއިލް" ވެސް ގެނެސްދިން ހޯމީ އަދަޖާނިއާ ކަމަށެވެ.

އޭނަ އެންމެ ފަހުން ގެނެސްދިން ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ މިސްޓްރީ ތުރިލާ "މާޑާ މުބާރަކް" އެވެ.

"ކޮކްޓެއިލް 2" ސްކްރީންޕްލޭ ލިޔެފައި ވަނީ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އާއި "ތޫ ޖޫޓީ، މޭ މައްކާރް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަނެވެ. "ކޮކްޓެއިލް" ގެ ސްކްރީންޕްލޭ ލިޔުނީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު އިމްތިއާޒް އަލީ އެވެ.

ޕިންކްވިލާ އިން ބުނީ "ކޮކްޓެއިލް 2" ގައި ޝާހިދާ އެކު ދެ ބަތަލާއިން ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން އެކަކަށް މިހާރު ކްރިތީ ސެނަން ފައިލްކޮށްފައިވާ ކަމަށެވެ. އެހެންވެ މި ފިލްމު ވާނީ އެ ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ޝާހިދާއި ކްރިތީ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު މެޑޮކް އިން ގެނެސްދިން "ތޭރޭ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.

ބެލެވޭ ގޮތުން "ކޮކްޓެއިލް 2" ގެ އަނެއް ބަތަލާއަކަށް ނަގާނީ ރަޝްމިކާ މަންދަނާ އެވެ. އޭނަ އަކީ މެޑޮކް އިން އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ ވިކީ ކޯޝަލްގެ "ޗާވާ" ގެ ބަތަލާ ވެސް މެ އެވެ. ރަޝްމިކާ މިހާރު އަންނަނީ އަޔޫޝްމަން ކްރާނާ އެކު މެޑޮކްގެ ވެމްޕެއާ ފިލްމު "ތާމާ" ގެ މަސައްކަތް ވެސް ކުރަމުންނެވެ.