މި އަހަރުގެ "ވެކޭޝަންސް އެކްސްޕޯ" މި ހަފުތާގައު ފަށަން ތައްޔާރުވެއްޖެ އެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 17-20 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.
މި އަހަރު ބާއްވާ "ވެކޭޝަންސް އެކްސްޕޯ" އަކީ މީގެ ހަ ވަނަ އެޑިޝަނެޗެ.
މި އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތަކާއި ހައްލު އެއްތަނަކުން ލިއްބައިދޭ ގޮތަށް ބާއްވަމުން އަންނަ ވަރަށް މަގުބޫލު އިވެންޓެކެވެ.
މި އަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރެއް ނަގާ ޢުމްރާ ދަތުރެއް ދިނުމުގެ އިތުރުން، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ 40 އަށް ވުރެ ގިނަ އެގްޒިބިޓަރުންގެ ސްޓޯލްތަކުން ކޮންމެ ދުވަހަކު ވެސް އެކި އިނާމުތަކާއި ހާއްސަ ޕެކޭޖުތައް ޒިޔާރަތްކުރާ މީހުންނަށް ލިބިގެން ދާނެ އެވެ.
އެހެން އަހަރުތަކާ ވެސް އެއްގޮތަށް މިއަހަރު ވެސް 'ވެކޭޝަންސް އެކްސްޕޯ' ގައި ބައިވެރިވާ އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖެ އާއި ބޭރުގެ ޗުއްޓީ މަންޒިލުތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުން ވާނެ މައުލޫމާތުތައް ދޭނެ އެވެ.
މި އެކްސްޕޯގެ މައި ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.
ވެކޭޝަންސް އެކްސްޕޯ ބާއްވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނެޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ އެހީތެރިކަމާއި އެއްބާރުލުމާ ވެސް އެކީގަ އެވެ.