ރާއްޖެ އޮތީ ފަލަސްތީނުގެ ހައްގުގައި ކަމަށާއި ދިވެހިން ބަނޑަށްޖެހުނަސް މި ސަރުކާރުން ފަލަސްތީނުގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިޒްރޭލުގެ ޕާސްޕޯޓްގައު ރާއްޖެ އެތެރެވުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އިއްގެ ފާސްކޮށް މިއަދު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން އޭނަ ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާކުރަން ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރިން ބިލެއް ހުށަހެޅުއްވީ ޕާސްޕޯޓު މަނާކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެއޫ ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންދީ، ޕާސްޕޯޓު މަނާކޮށްފި ނަމަ އިގުތިސާދު ފުނޑުފުނޑުވާނެ ކަމަށް ހީކޮށްގެން ކުރި ކަމެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެ ހުށަހެޅުއްވި މެންބަރު، ނުވަތަ އެމްޑީޕީގެ ނިޔަތަކަށްވީ އަޅުގަނޑުމެންނެއް މި ކަމެއް ނުކުރާނޭ. ކޮށްފި ކަމަށްވަންޏާ މި ގައުމުގެ އިގުތިސާދު ފުނޑުފުނޑު ވާނޭ،" އޭނަ ވިދާޅުވި އެވެ. "މި ގައުމު ބަނޑަށް ޖެހޭނޭ. އެހެންވީމާ އަޅުގަނޑުމެންނަށް ސިޔާސީ ގޮތުން މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނޭ. މިއީ އެމްޑީޕީގެ ނިޔަތް."
ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން އިޒްރޭލް ޕާސްޕޯޓުގެ މައްސަލަ ނިންމީ ހެޔޮ ނިޔަތުގައި ކަމަށް ފަލާހް ވިދާޅުވި އެވެ.
އެގޮތުން އިޒްރޭލުން ހުއްޓާލަންދެން އެތަނުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ނިންމީ ހަމަލާތައް ހުއްޓާލަން ބާރުއެޅުމުގެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސާއި މި ސަރުކާރުން މާތް ވެގެންވާ އިސްލާމް ދީނަށް، ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ އެ ފަދަ އަޅުގަނޑުމެން ތާއީދުކުރާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ތިބި ގައުމަކަށް އެ ވަރުގެ އަނިޔާއެއް ދޭއިރަކު އަޅުގަނޑުމެން ބަނޑަށްޖެހުނަސް މި ސަރުކާރަކުން ނުބަލާނެ،" ފަލާހު ވިދާޅުވިއެވެ. "[އިޒްރޭލް ޕާސްޕޯޓް މަނާކޮށް] އެ އޮތީ އެކަން ދައްކައި ދީފައި."