ކުރިއަށް ވުރެ ބޮޑަށް މިހާރު ވެލީގެ ތޫފާން އިރާގުގައި އިތުރުވެ، ގިނަ ބަޔަކަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އިރާގުގެ ދެކުނުގެ ޕްރޮވިންސްތަކަށް ވަނީ ވަރަށް ބޮޑަށް ވެލީގެ ތޫފާންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ނޭވާލުމުގެ މައްސަލަތައް ދިމާވެގެން ހާހައެއްހާ ކޭސް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ސިއްހީ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
މުތައްނާ ޕްރޮވިންސުން އެކަނި ވެސް 700 ކޭސް ރިޕޯޓްކޮށްފައިވާ އިރު، ނަޖަފް ޕްރޮވިންސުން ހާލު ދެރަވި 250 އަށް ވުރެ ގިނަ މީހަކަށާއި ދިވަނިޔާ ޕްރޮވިންސުން ހާލު ދެރަވި 322 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ބަސަރާ އާއި ދި ގާރް އިން ވެސް 530 މީހެއްގެ ހާލު ދެރަވެފައިވެ އެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
ވެލީގެ ތޫފާންތަކާ ގުޅިގެން ވައިގެ ތެރޭގައި ވެއްޔާއި ހިރަފުސް ވަރަށް ބޮޑަށް ބޯވެފައިވާތީ، ޖައްވު ވެސް ވަރަށް ބޮޑަށް ނުސާފުވެފައިވާ އިރު، ގިނަ ބަޔަކު މިހާރު ބޭރަށް ނުކުމެ އުޅެނީ މާސްކް އަޅައިގެންނެވެ.
ރަސްމީ އިދާރާތަކުން ބުނީ ވެލީގެ ތޫފާންތަކާ ގުޅިގެން ބައެއް އެއާޕޯޓްތައް ވެސް ވަގުތީ ގޮތުން ބަންދު ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ބަސަރާ އާއި ނަޖަފްގެ އެއާޕޯޓްތައް ބަންދުކޮށްފައިވެ އެވެ.
އިރާގުގެ މޫސުމާ ބެހޭ އިދާރާ އިން ބުނީ ވެލީގެ ތޫފާންގެ އަސަރު މިއަދު ތަންކޮޅެއް ދަށްވި ނަމަވެސް ކުރިއަށް އަދި އޮތީ ހާލަތު ގޯސްވެދާނެ ދުވަސްތަކެއް ކަމަށެވެ.
ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އިރާގުގައި މިހާރު ވެލީގެ ތޫފާންތައް އިތުރުވެފައި ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ މައްސަލަތަކާ ހެދި އެވެ. އިރާގަކީ ކްލައިމެޓް ޗޭންޖްގެ ސަބަބުން ހާލަތު އެންމެ ގޯސް 5 ގައުމުގެ ތެރޭގައި އދ. އިން ހިމަނާފައި އޮތް ގައުމެއް ވެސް މެ އެވެ.