ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.
ސިނާންގެ ގޮނޑީގެ މައްސަލަ ޣާލިބު ސަލީމު ކިޔާ މީހަކު ފެބްރުއަރީ މަހުގެ 13 ވަނަ ސުޕްރީމް ކޯޓަށް ހުށަހެޅި
ސިނާންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
މަޖިލީހުގެ މެންބަރެއްގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދައްކާ ނަމަ މެންބަރުކަން ގެއްލޭނެ ކަމަށްގާ ނޫނުއަސާސީގައި ބަޔާންކޮށްފައިވެ.
ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ. ލޯނު ދެއްކުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފުވެފައިވާތީ ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024، ގައި ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024 ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ.
ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުން ދަރަނީގެ މައްސަލައިގައި ހިމެނޭ ފައިސާ ދައްކާފައިވާ ކަމަށް އެނގިފައިވެ އެވެ.