Last Updated: April 15, 18:01
Wednesday, April 16, 2025
ޚަބަރު

ފޭދޫ އާ މިސްކިތް އަޅަން ބިން ހަވާލުކޮށްފި

އައްޑޫ ފޭދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ އާ މިސްކިތް އިމާރާތްކުރަން ކައުންސިލުން ބިން ހަވާލުކޮށްފި އެވެ.

ޖުމްލަ 500 މީހުންގެ ޖާގައިގެ އެ މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ފޭދޫގެ ހިއްކި ބިމުގަ އެވެ. އެ މިސްކިތް އަޅަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ. އެކަން އިއުލާންކުރީ މިދިޔަ މަހުގެ 15 ގަ އެވެ.

ކައުންސިލްގެ ފަރާތުން ބިން ހަވާލުކުރުމުގެ ލިޔުން ފެނަކައާ މިއަދު ހަވާލުކުރީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލެވެ.

އައްޑޫގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮންނަ ފޭދޫގައި ސަރުކާރުން އާ މިސްކިތެއް އިމާރާތް ކުރަން ނިންމި އިރު، އެ އަވަށުގައި މިހާރު 7 މިސްކިތް ހުރެ އެވެ.

މީގެ ތެރެއިން ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. ފޭދޫގައި އެންމެ ފަހުން ހުޅުވި މިސްކިތަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ހެޕީ މާކެޓްގެ ވެރިޔާ އަދި ފޭދު އަށް ނިސްބަތްވާ މުހައްމަދު ނައީމު ބިނާކޮށް 2018 ގައި ހުޅުވި "މަސްޖިދު ކައުސަަރު" އެވެ.

ފޭދޫގައި ސަރުކާރުން މިސްކިތެއް އިމާރާތް ކުރަން ނިންމި އިރު، ހިތަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމާއި މަރަދު އާއި މީދު އާއި ހުޅުދޫގައި މިސްކިތް ސަރުކާރުން މިސްކިތް ބިނާކުރުމުގެ މަޝްރޫއުތަކެއް ކުރިއަށް އެބަދެ އެވެ.