Last Updated: April 15, 18:01
Wednesday, April 16, 2025
މުނިފޫހިފިލުވުން

'ސޮރީ' ގެ ޕްރީމިއާ ޝޯ ފުލްވެއްޖެ

އަންނަ ޖޫން މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމު "ސޮރީ" ގެ ޓިކެޓް ބުކްކުރަން މިއަދު ހުޅުވައިލުމާ އެކު، ފްރީމިއާ ޝޯ ފުލްވެއްޖެ އެވެ.

ފިލްމުން ޓީމުން ބުނީ މިހާރު ބުކްކޮށް ދެމުން އަންނަ އަންނަނީ ދެ ވަނަ ޝޯ އިން ފެށިގެން 5 ވަނަ ޝޯގެ ޓިކެޓް ކަމަށެވެ. "ސޮރީ" ގެ ޓިކެޓް ހޯދަން ގުޅަން ޖެހޭ ނަމްބަރަކީ 77844422 އެވެ.

މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ޖޫން 17 ގަ އެވެ.

"ސޮރީ" އަކީ ނަހުލާގެ އާންމު ސްޓައިލްގައި ގެނެސްދޭ ރުއިން ގިނަ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ވާޝިޔާ މުހައްމަދެވެ. އަދި ހާއްސަ ރޯލުތަކަކުން ކުޑަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި މާމަދަރި އެވްލީ އެވެ.

"ސޮރީ" ގެ ކާސްޓްގައި ޝީލާ ނަޖީބް، އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ އެކްޓަރު ހުސައިން ސޮބާހް ވެސް ހިމެނެ އެވެ.

ނަހުލާ ބުނި ގޮތުގައި މި ފިލްމު ހަދާފައި ވަނީ ދިވެހި އާއިލާތަކުގެ ތެރޭގައި އޮތް މުހިއްމު ބޮޑު މައްސަލައަކަށެވެ. އެހެންވެ މިއީ އެންމެން ވެސް ބަލާލަން ޖެހޭ ކަހަލަ ފިލްމެކެވެ. އަދި "ސޮރީ" ބަލާފައި މީގެ ޕްލޮޓާ މެދު ބެލުންތެރިން ވަރަށް ފުންކޮށް ވިސްނާނެ ކަމަށް ނަހުލާ ބުންޏެވެ.