މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު ހުއްދަ ދެއްވައިފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް އިމާމް ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެ މިނިސްޓްރީން ނުބުނެ އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.
އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަިއގެންފައި ވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް 1984 ގަ އެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު މުހައަމަދު އައްސުބައްޔިލެވެ.
ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވައި ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، އާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.