Last Updated: April 15, 18:01
Wednesday, April 16, 2025
ދުނިޔެ

ސިންގަޕޫރްގެ އާންމު އިންތިހާބު މެއި 3 ގައި

ސިންގަޕޫރްގެ އާންމު އިންތިހާބު އަންނަ މަހުގެ 3 ގައި ބާއްވަން ނިންމައިފި އެވެ.

މިއީ އެ ގައުމުގެ ބޮޑުވަޒީރުކަމާ މިދިޔަ އަހަރު ލޯރެންސް ވޮންގް ހަވާލުވެވަޑައިގަތް ފަހުން އިންތިހަބަކާ ކުރިމަތިލައްވާ ފުރަތަމަ ފަހަރެވެ.

މީޑިއާތަކުން ބުނީ އަންނަ މަހު އާންމު އިންތިހާބު ބާއްވާ އިރު، މި އިންތިހާބު ވެސް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ވެރިކަން ކުރާ ޕާޓީ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ކަމަށެވެ. މިދިޔަ މަހު ނެގި ހިޔާލު ހޯދުމުގެ ސާވޭއަކުން ވެސް ދައްކާ ގޮތުގައި 63 މީހުން ތިބީ ވެރިކަން ކުރާ ޕާޓީއާ އެކީގަ އެވެ. އަދި އިދިކޮޅު، ވޯކާސް ޕާޓީ އަށް ތާއީދު ކުރަނީ އެންމެ 15 ޕަސެންޓް މީހުންނެވެ.

ސިންގަޕޫރްގައި އެންމެ ފަހުން ބޭއްވި 2020 ގެ އިންތިހާބުގައި ވޯކާސް ޕާޓީ އަށް ލިބިފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އެންމެ 10 ގޮނޑި އެވެ. އެ ފަހަރުގެ އިންތިހާބުގައި ޕީއޭޕީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ސިންގަޕޫރަށް 1965 ގައި މިނިވަންކަން ލިބުނު ފަހުން މިހާތަނަށް ބޮޑުވަޒީރުކަން ކުރެއްވި ހަތަރު ބޭފުޅުންނަކީ ވެސް ޕީއޭޕީ އަށް ނިސްބަތްވާ ބޭފުޅުންނެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 2.75 މިލިއަނަށް އަރަ އެވެ.