Last Updated: April 16, 13:56
Wednesday, April 16, 2025
ޚަބަރު

ޕެޓީ ކޭޝް އަށް ހިޔާނާތްވި މީހުންނަށް ދައުވާ ކުރަނީ

މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަންގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ކުންފުނީގެ ކުރީގެ މުވައްޒަފުންތަކެއް ބޭނުންކޮށްފައިވާ މައްސަލަގައި ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުުވާ ކުރަން ނިންމާފައި ވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އައްޑޫ ފޭދޫ ހަސީނީވިލާ، އަހުމަދު ސާތިޝް ސަޢީދާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރގެ މަޤާމުގައި ކުރިން ހުރި ފޭދޫ ފަޅޯމާހޭ ހުސައިން އާސިރުގެ އިތުރުން ކުރިން ސުޕަވައިޒަރެއްގެ މަގާމުގައި ހުރި ތ. ތިމަރަފުށީ، ނިރޮޅުމާގޭ ތ. ތިމަރަފުށި މުހައްމަދު އާސިދުގެ މައްޗަށެވެ.

އެ ތިން މީހުންނަށް ދައުވާ ކުރަން ނިންމީ އައްޑޫ ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާތީ އެވެ.

އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހި ރާއްޖޭގެ ޤާނޫނުލްޢުގޫބާތު) ގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާއާއި، 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން 516 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

އެގޮތުން މައްސަލައިގައި، 623208.80ރ. ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން ފެނަކަ އަށް އަންގާފައިވެ އެވެ.

އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާކަ މަށް އޭސީސީގެ ތަހުގީގަށްށް ފާހަގަ ކުރެވޭތީ، އެކަން ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.