Last Updated: April 16, 13:56
Wednesday, April 16, 2025
ޚަބަރު

އެންޑީއޭ އަށް އާ އިމާރާތެއް އަޅަނީ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގާ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެ އޮފީސް ހިންގަން އާ އިމާރާތެއް އަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ގްރީން އިމާރާތުގައި އެންޑީއޭގެ މަސައްކަތް ހިނގާ ގޮތް އިއްޔެ ބެެއްލެވުމަށް ފަހު އޭނަ ވިދާޅުވީ އެ އިމާރާތަކީ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަމަށެވެ. އެގޮތުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ގްރީން އިމާރާތް ހުރި ބިމުގައި އާ އިމާރާތެއް އެޅުމުގެ ވިސްނުން ހުރި ކަމަށެވެ.

"މިތަން ހަދަން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ. ބަޔަކާ ގުޅިގެން ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަ ނުވެ މިތަން ހެދޭތޯ މަސައްކަތް ކުރާނަން." އޭނަ ވިދާޅުވި އެވެ.

އެންޑީއޭގެ ޗެއާޕާސަން އަދި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ވިދާޅުވީ އެންޑީއޭ މިހާރު ހިންގަމުން އަންނަ އިމާރާތަކީ ގިނަ ދުވަސްވެ، ބައުވެފައިވާ އިމާރާތެއް ކަމަށެވެ. އަދި އެ އިމާރާތަކީ މަސްތުވާތަކެއްޗާ ގުޅޭ އެކި ޚިދުމަތްތަކާއި ފަރުވާދެމުން އަންނަ އިމާރާތަށްވާ އިރު ގިނަ ދަތިތަކެއް ހުރި ކަމަށެވެ.