Last Updated: April 16, 16:41
Wednesday, April 16, 2025
ޚަބަރު

ތުރުކީގެ ވިޔަފާވެރިންނަށް ރާއްޖެއާ ބެހޭ މައުލޫމާތު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ތުރުކީގެ ވިޔަފާރިވެރިންނާ އިސްތަންބުލްގައި އިއްޔެ ބައްދަލުކުރައްވައިފި އެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކޮށް އެތަނުގެ ޗެއާމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ރައީސް ނާއިލް އޮލްޕަކްގެ އިސްވެހުންނަވައި ކުރިއަށް ގެންދެއްވި އެ ބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، އިންވެސްޓްމަންޓް، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި ރިއަލް އެސްޓޭޓް، ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭނެހެން ދިވެހިރާއްޖެ އާއި ތުރުކީ އާ ދެމެދު އިގްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އިން އައު ގުޅުންތައް ޤާއިމުކުރުމަށް މަޝްވަރާކޮށްފައިވެ އެވެ.

ބައްދަލުވުގައި ޚަލީލް ވަނީ ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.

ބައްދަލުވުމުގައި ސަޢީދު ވަނީ ދެ ޤައުމުގެ ދެމެދުގައި 2023 ގެ ނޮވެމްބަރުގައި ސޮއިކުރި "އިކޮނޮމިކް ކޯޕަރޭޝަން" އެއްބަސްވުމާއި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ސޮއިކުރެވިފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވައިފަ އެވެ.

ބައްދަލުމުގައި ވަނީ އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ވެސް ދީފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެ އަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކޮށްފައިވެ އެވެ.

އިސްތަންބުލްގައި އިއްޔެ ބޭއްވި މަޝްވަރާތަކަކީ ތުރުކީ އާއި ރާއްޖެއާ ދެމެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް ސަރުކާރުން ބުންޏެވެ.