މި ސަރުކާރުން އައްޑުއާ މެދު ފަރުވާ ކުޑަ ނުކުރާނެ ކަމަށާއި އައްޑު އަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ކޮށް ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި އޭނަ ވިދާޅުވީ ކަންކަން ކުރެވޭނީ އިހުލާސްތެރިކަމާ އެކު ބަޔަކު ރައްޔިތުންނަށް ކޮށްދޭން އުޅޭ ނަމަ ކަމަށެވެ. އެގޮތުން މި ސަރުކާރުން އައްޑު އަށް ފަރުވާ ކުޑަ ނުކުރާނެ ކަމަށެ ކަމަށް ވިދާޅުވި އެވެ.
"[އެހެންވީމަ] އެންމެން ގުޅިގެން ކާމިޔާބީއާ ހަމައަށް ދެވޭނީ." ސަރުކާރު ދިފާއުކޮށް އަބަދު ވެސް ވާހަކަ ދައްކަވަމުން ގެންދަވާ މެންބަރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ މިހާރު މައްސަލަތަކެއް ދިމާވެފައި އޮތް ގަމުގެ މަގުގެ މަސައްކަތް ވެސް ސަރުކާރުން ހައްލުކޮށް، އައްޑޫ ބަންދުވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން މީގެ ކުރިން ހުޅުވަން ނޭނގި ތިބި ރިސޯޓްތައް ވެސް ހުޅުވާނެ ކަމަށެވެ.
"ހަންކެޑެ މަސައްކަތް ވެސް ފެށޭނެ. ލިންކް ރޯޑް މަރާމާތު ވެސް ކުރާނެ އަދި ކަރަންޓްގެ މައްސަލަ އަށް ދާއިމީ ޙައްލެއް ވެސް ހޯދައި ދޭނެ." އޭނަ ވިދާޅުވި އެވެ.