ޕްރެޒިޑެންޓްސް ކަޕް 2015 ގެ ގްރޫޕް ބީގައި މިއަދު ކުޅުނު މެޗް ކާމިޔާބުކޮށް އީގަލްސް އިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ކްލަބް ވެލެންސިއާއި ދެކޮޅަށް ކުޅުނު މިމެޗް އީގަލްސް އިން ކާމިޔާބު ކުރީ 2-4 އިންނެވެ. އީގަލްސް އިން މިމެޗްގައި ޖެހި ފުރަތަމަ ގޯލް މެޗްގެ ފުރަތަމަ ހާފްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް އީސަ (މެސީ) އެވެ.
އީގަލްސް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގައި ވެލެންސިޔާގެ ހުސެއިން ނިހާން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ 4 މިނިޓު ފަހުން އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފައެވެ.
އީގަލްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ވެލެންސިޔާ އިން ހަމަހަމަ ކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަވީލޯއެވެ. މި ލަނޑަށް ފަހު ދެޓީމުގެ ފަރާތުން ވެސް ހަލުވި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި 3 ވަނަ ފަހަރަށް އީގަލްސް އަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސަމީހު އެވެ.
އީގަލްސްގެ ހަތަރު ވަނަ ލަނޑު މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރިޒުވާންއެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއި އެކު މިވަގުތު އީގަލްސް އޮތީ ގްރޫޕް ބީގެ އެއްވަނައިގައެެވެ. އެހެން ނަމަވެސް މާދަމާ ވިކްޓްރީ އާއި މާޒިޔާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ އަލުން ހޯދޭނެއެވެ. މިއަދުގެ މެޗުން ބަލިވުމާއި އެކު ވެލެންސިޔާއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ވަނީ ގެއްލިފައެވެ.
މެޗަށްފަހު އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި އުއްމީދު ކުރަނީ ހުރިހާ މެޗެއްވެސް ކާމިޔާބްކޮށް ދެވެން އޮތް އެންމެ ކުރިއަށްދާން ކަމަށެވެ.
ސާންތި ބުނީ ކުރިއަށް އޮތް މާޒިޔާ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނައަށް އީގަލްސް ދާން މަސައްކަތް ކުރާނެކަމަށެވެ.
މާދަމާ މި ގްރޫޕްގެ 4 ވަނަ މެޗްގައި މާޒިޔާ ބައްދަލު ކުރާނީ ވިކްޓްރީއާއިއެވެ. މެޗް ފަށާނީ ހަވީރު 4 ޖަހާއިރުއެވެ.