ރަސްމީ ދަތުރެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ޤަތަރަށް މިއަދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރުގެ މި ދަތުރަކީ ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ޖަމްޢިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި އޭޕްރީލް މަހުގެ 14-17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓް އޮންނާނީ އޭޕްރީލް 17 ވަނަ ދުވަހު އެވެ. މި ސެގްމެންޓުގައި އައިކާއޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުޞަދަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އެންމެ ރަނގަޅު ފެންވަރެއްގައި އެއް ހަމައަކުން ފޯރުކޮށްދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.
ކޮންފަރެންސްގައި "ދޯހާ ޑެކްލަރޭޝަން އޮން ފެސިލިޓޭޝަން އޮފް އިންޓރނޭޝަނަލް އެއާ ޓްރާންސްޕޯޓް 2025" ގެ ނަމުގައި ޤަރާރެއް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. މި ޤަރާރަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެކުލަވާލެވޭ ޤަރާރެކެވެ.
ޤަރާރުގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމާއި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ އިތުރުން ދަތުރުވެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅާނެ އެވެ.