Last Updated: April 16, 17:19
Wednesday, April 16, 2025
މުނިފޫހިފިލުވުން

ޖެކީ ވެސް ރާއްޖޭގެ ރީތިކަން ދެކިލައިފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޖެކީ ޝްރޮފް ވެސް ރާއްޖެ އަސް ޒިޔާރަތްކޮށް، ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްފި އެވެ.

މި ދަތުރުގެ ވާހަކަ އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފައިވާ އިރު، ޖެކީ ޗުއްޓީ ހޭދަކުރި ރިސޯޓް، ރާޔާ ބާއި އެޓްމޮސްފިއާގެ މުވައްޒަފުންތަކެއް އޭނައާ އެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ ޕޯސްޓްކޮށްފައިވެ އެވެ.

ޖެކީ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ ޝްރޮފްގެ ބައްޕަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 68 އަހަރުގެ އެކްޓަރު އާންމުންގެ ތެރޭގައި މަޝްހޫރުވީ 1983 ގެ "ހީރޯ" އިންނެވެ. ޖެކީގެ ފިލްމީ ކެރިއަރުގައި މިހާތަނަށް 250 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި ވަރޫން ދަވަންގެ "ބޭބީ ޖޯން" އެވެ.

ޖެކީ ދެން އެންމެ އަވަހަށް ފެންނާނީ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ހައުސްފުލް 5" އިންނެވެ.

އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އަށް ޗުއްޓީ އަށް އަންނަ އިރު، އެ ގައުމު މިހާރު އޮތީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ހަ ވަނައިގަ އެވެ. އެގޮތުން މި މަހުގެ 13 އާ ހަމައަށް އިންޑިއާ އިން 36،310 ޓޫރިސްޓުން އައިސްފައިވެ އެވެ.

ދެހާސް ތޭވީހުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ.