Last Updated: April 19, 05:59
Saturday, April 19, 2025
ޚަބަރު

ރައީސް މެލޭޝިއާ އަށް ދާތީ ދިވެހިންނަށް ކެއުމެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 27 ވަނަ ދުވަހު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ރޭގަނޑުގެ ފަރީކޮޅަކަށް ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ ދައުވަތު ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު މޯލްޑިވިއިން ފަހުން ގެނައި ވައިޓްބޮޑީ ބޯޓުގައެވެ. މި ބޯޓުގެ ބިޒްނަސް ކުލާސް ހުރިހާ ސީޓުތަކެއް ވަނީ ރައީސް އޮފީހުން ނަގާފައެވެ. އަދި ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހަދާފައިވާ ވައިބަރ އަދި ވަޓްސްއަޕް ގްރޫޕަށް ދިވެހި އެމްބަސީން ފޮނުވި ދައުވަތު ކާޑުގައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްބެސަޑަރ ޑރ. މަރިޔަމް ޝަބީނާ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަ ފަރީކޮޅަކަށް ދައުވަތު އަރުވާ ކަމަށެވެ. މި ފަރީކޮޅު ބޭއްވުމަށް ނިންމާފައިވަނީ ކުއަލަލަމްޕޫރުގައި ހުންނަ ގްރޭންޑް ހަޔަޓް ހޮޓެލްގައި އެރޭ 7:30 ގައެވެ. އަދި މި އިވެންޓުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށް އެމްބަސީން ވަނީ އެދިފައެވެ.

އެމްބެސަޑަރ ޑރ. ޝަބީނާގެ ދައުވަތާއި ގުޅިގެން ބައެއް އާއްމު ފަރާތްތަކުން ވަނީ މި ބައްދަލުވުމުގެ އެޖެންޑާއި އާއި މައުލޫމާތު ހޯދުމަށް ގްރޫޕުގައި ޖަހާފައެވެ. ނަމަވެސް އެ ސުވާލުތަކަށް އެމްބަސީން ޖަވާބެއް ނުދެއްވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމަށްޓަކައި މޯލްޑިވިއަންއިން ވަނީ ދުރާލާ މެލޭޝިއާއަށް މި މަހުގެ 27 އަދި 30 ގައި ދަތުުރުތަކެއް ކުރުމަށް އިއްލާންކޮށްފައެވެ. މޯލްޑިވިއަންއިން މިމަހުގެ 10 ވަނަ ދުވަހު ނެރުނު އިޝްތިހާރުގައި ވަނީ މާލެއިން މެލޭޝިއާ 149 ޑޮލަރަށް އަދި މެލޭޝިއާއިން ރާއްޖެއަށް 124 ޑޮލަރަށް ދެވޭނެ ފެއާއެއް އާއްމުކޮށްފައެވެ.