ގަން އެއާޕޯޓުގެ ތަރައްޤީގައި ހިމެނޭ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މައްސަލަ އުފެދުނު އީކުއޭޓަ ވިލެޖުގެ ސްޓާފުން ތިބޭ ކޮޓަރިތައް ހޮސްކޮށްފި އެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޭއަައިއޭ) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން އީކުއޭޓާ ހުސް ކުރަ ންޖެހޭ އެ ކުންފުނީގެ މުވައްޒަފުން ތިބޭ ކޮޓަރިތައް މިހާރު ހުސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮޓަރިތައް ހަވާލު ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އީކުއޭޓާ ވިލެޖުން ކޮޓަރިތައް ހުސްކުރި އިރު މީގެ ދެ ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ ސާވޭ ޓީމެއް ވަނީ އެ އިމާރާތް ހުރި ބިމުގެ ސާވޭއެއް ވެސް ހަދައިފަ އެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަނީ އީކުއޭޓަ ވިލެޖް ހިންގާ އިމާރާތް ހުންނަ ބިމާއ ވަކިން މަގުގެ އަނެއް ފަރާތުގަ އެވެ. އެ އިމާރާތަކީ އިނގިރޭސިން ގަމުގައި ތިބި އިރު ބޭނުން ކުރި އިމާރާތެކެވެ. އެއާޕޯޓު މަޝްރޫއުގެ ތެރެއިން ގަމުގެ މަގު ހަދާ އިރު އީކުއޭޓާގެ މުވައްޒަފުން ތިބޭ އިމާރާތުގެ ބައެއް ނަގަން ޖެހެއެވެ.
ނަމަވެސް މިހާތަނަށް އެއިމާރާތް ހުސްކުރުމަށް އީކުއޭޓަ އިން އައީ ދެކޮޅު ހަދަމުންނެވެ.
އެ ކުންފުނިން ސަރުކާރަށް ޑިމާންޑު ކުރަމުން އައީ އިމާރާތުގެ ބަދަލަށް 25 މިލިއަން ޑޮލަރާ އެކު އެކުންފުނިން މާލެ ސަރަހައްދުގައި ހިންގާ ރިސޯޓުގެ މުއްދަތު އިތުރު ކުރުމަށެވެ.
އީކުއޭޓަރވިލެޖްގެ ސްޓާފުން ތިބޭ އިމާރާތް ހުސް ނުކުރެވި މަސައްކަތް ހުއްޓުމާ ގުޅިގެން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޮތީ ބިމުގެ މައްސަލަ މާދަމާ ނިޔަލަށް ގޮތެއް ނުނިންމެއްޖެ ނަމަ އެ ޕްރޮޖެކްޓުން މަގު ހެދުން އުނިކުރަން ނިންމައިގަ އެވެ. އޭނަ ވިދާޅުވެފައި ވަނީ މަސައްކަތް ލަސްވާ ނަމަ ގަން އެއާޕޯޓުގެ ކޮންޓްރެކްޓަރު އިންޑިއާގެ ރެނާޓާސް ކުންފުންޏަށް ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ މަސައްކަތް ހުއްޓާނުލުމަށާއި އީކުއޭޓާގެ މައްސަލަ ސަރުކާރުން ހައްލު ހޯދައި ދިނުމަށް ގޮވާލަމުންނެވެ. އަދި މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ މުޒާހަރާ ކުރާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.