އިމާމުވެ ހުކުރު ކުރާނެ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިިފި އެވެ.
މި ބެޗް އަންނަ މަހާއި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މިނިސްޓްރީން ބުނީ މީގައި ރާއް ޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
މި ހާއްސަކޮށްފައި ވަނީ އޭ ލެވެލް/އޯ ލެވެލް ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިން ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ރަށްރަށުގައި އާއ ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.
ޕްރޮގްރާމްގެ ތިން ވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އަންނަ މަހުގެ 10 އާ ހަމައަށެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ދެ ބުރަށް ވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައި ވަނީ މި ފަސް އަހަރުގެ ތެރޭގައި 1000، ޒުވާން ޚަޠީބުން އުފެއްދުމަށެވެ. ފުރަތަމަ ދެ ބުރުގައި ސަނަދު ހާސިލުކުރި ޚަތީބުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ކުރެ އެވެ.