Last Updated: April 18, 20:01
Saturday, April 19, 2025
ދުނިޔެ

ޕެރޫގެ އިތުރު ރައީސަކު ޖަލަށް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޕެރީގެ ކުރީގެ ރައީސް އޮލަންޓާ ހަމޫލާ 15 އަހަރަށް ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.

ދެހާސް ހަޔަކާއި 2011 ގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ކެމްޕޭންތަކުގެ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯއްދެވި ކަމަށް އޮލަންޓާ ވަނީ ޝަރީއަތުގައި އިއުތިރާފު ވެވަޑައިގެންފައިވެ އެވެ. ނަމަވެސް ފައިސާ ލޯންޑާކުރެއްވި ކަމަށް އޭނަ އިންކާރު ކުރައްވާފައިވެ އެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅުގެން އޮލަންޓާގެ އަނބިކަނބަލުން ނެޑީން ހެރޭޑިއާ އަށް ވެސް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. ކޫރީގެ ފަސްޓްލޭޑީ އަށް ކުށް ސާބިތުވި އިރު، އޭނަ ހުންނެވީ ބްރެޒިލް އިން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. ޝަރީއަތުގައި އޭނަ ބައިވެރިވެވަޑައިގަންނަވަމުން ދިޔައީ އޮންލައިންކޮށެވެ.

ދެމަފިރިންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމިފައި ވަނީ މި ޝަރީއަތް ހިނގާތާ ތިން އަހަރު ފަހުންނެވެ.

ޕެރޫގެ ނައިބު ރައީސްކަން ވެސް ކުރެއްވުމަށް ފަހު އޮލަންޓާ، 62، އެ ގައުމުގެ ރައީސްކަން ކުރެއްވީ 2011-2016 އަށެވެ. އޭނަ އަކީ ޕެރޫގެ 58 ވަނަ ރައީސެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ޕެރޫގެ ކުރީގެ ރައީސެއްގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. އެއީ 2001-2006 އަށް ރައީސްކަން ކުރެއްވި އެލެހެންދުރޯ ޓޮލެޑޯ އެވެ. ވެރިކަމުގައި ހުންނެވި ދުވަސްވަރު ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އޮތުން އޭނަ ވެސް 35 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމަށް ސާބިތުވި އެވެ.