Last Updated: April 19, 05:59
Saturday, April 19, 2025
ޚަބަރު

ސްޕޯޓްސް ފިޝިން ޓޫރިޒަމް އެމްބެސެޑަރަކަށް ނަވާރޯ

ރާއްޖޭ ސްޕޯޓްސް ފިޝިން ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމުގެ ގޮތުން ގްލޯބަލް އެމްބެސެޑަރަކަށް ރޮބަޓް 'ފްލައި' ނަވާރޯ ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ މިއީ ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާޙައުލަށް ހުރި ޝައުޤުވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ފްލައި ނަވާރޯ އަކީ ސްޕޯޓް ފިޝިންގގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އަދި "ފްލައި ޒޯން ފިޝިން" ގެ ބާނީ އެވެ. އޭނަ މިހާތަނަށް ހަ ބައްރަށް ދަތުރުކޮށް ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވެފައިވެ އެވެ.

ރާއްޖެ އިޝްތިހާރު ކުރަން ލިބުނު ފުރުސަތާ ގުޅިގެން ނަވޯރާ ބުނީ ބައިނަލްއަގުވާމީ ފެނުވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔެއިން ވެސް އެންމެ ހިތްގައިމު އެއް މާހައުލު ކަމަށެވެ.

އެމްބެސެޑަރަކަށް ނަވާރޯ ހަމަޖެއްސުމާ އެކު އެމްއެމްޕީއާރުސީން ބާއްވަން ތައްޔާރުވަމުން އަންނަ ބުރުނުބޮމަ ގްލޯބަލް ފިޝިން މުބާރާތުގައި ނަވާރޯ ބަައިވެރިވާނެ އެވެ. އެ މުބާރާތަކީ މަސްވެރިކަމަށް ޝައުގުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކާއި ރާއްޖޭގެ ކުޅިވަރު މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން ޝައުގުވެރިކުރުވުމަށް ފަރުމާކޮށްފައިވާ ޚާއްސަ މުބާރާތެކެވެ.

މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ބައިވެރި ވާނެ އެވެ.