Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ

މި އަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ބޭއްވި ބައްދަލުވުމެއްގަ އެވެ. ޕްރިންސިޕަލުންގެ މަޝްވަރާ ހޯއްދަވާފައެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާ އެކު ސްކޫލުތަކުން ގުޅިގެން ކުލަގަދަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ. އަދި އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި އޮންލައިން ބައްދަލުވުމުގައި، އެ ރަށްރަށުގައި ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ހޯއްދެވި އެވެ.

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ޚާއްޞަ އެސެމްބްލީތަކާއި އިތުރު ޙަރަކާތްތައް ބޭއްވިކަމުގައި ވިޔަސް، ކިޔަވައި ދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އެކަންކަން އިންތިޒާމު ކުރެއްވުމަށް މިނިސްޓަރު ޕްރިންސިޕަލުންނަށް އިލްތިމާސްކުރެއްވި އެވެ. އަދި އެދުވަހުގެ ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެ ކުދިންގެ ހައްޤުތައް ކިޔަިދީ, އެ ކުދީންނާ މެދު މައިންބަފައިންނާއި މުޖުތަމަޢު އަދި ޤައުމު ދެކޭ ހުވަފެންތައް ކިޔާދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. މި އާއެކު މިނިސްޓަރު ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން, ވީހާ ވެސް ޚަރަދުކުޑަކޮށް އެ ދުވަހުގެ ހަރަކާތްތައް ރޭއްވެވުމަށް ވެސް ސްކޫލުތަކަށް އިރުޝާދު ދެއްވައިފަ އެވެ.

މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިނިސްޓްރީން ކަމާގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާތައް ކުރިއަށްގެންދާނެ އެވެ.

ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން 1 އެވެ.