Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހުރުން ލާޒިމު

ހުޅުމާލޭގައި އިމާރާތްކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ހާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ އެ ނިންމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ މެލޭޝިޔާ ފަދަ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ވެސް ޝޮޕިން މޯލްތަކާއި އެ ނޫން ވެސް ބޮޑެތި އިމާރާތްތަކުގައި ނަމާދު ކުރަން ޚާއްސަ ތަންތަން ހުންނަ ކަމަށެވެ. އެހެން ކަމުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ތަންތަން ހުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ވަރަށް ބާރަށް ތަރައްގީވެ އުމްރާނީ ގޮތުން ކުރިއަރަމުން އަންނަ އިރު ބޮޑެތި އިމާރާތްތަކުގެ ކައިރީގައި މިސްކިތެއް ނެތް ކަމަށެވެ. އެހެން ކަމުން ބޮޑެތި އިމާރާތްތަކަށް ޒިޔާރަތް ކުރާ މީހުންނާއި އެހެން މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެހުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ބިލްޑިންތަކުގެ ތެރޭގައި ކޮންމެވެސް މިންވަރެއްގެ ޖާގައެއް ނަމާދުކުރުމަށް ތަނަވަސްވެފައި ހުރުމަކީ އެއީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ." ޝަހީމު ވިދާޅުވި އެވެ.

މި ނިންމުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޑރ. މަޢުރޫފް ޖަމީލްގެ އިސް ނެންގެވުމަށް ނިންމެވި ނިންމެވުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.

އެޗްޑީސީން މިއަދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2500-3000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.