ޕްރިޔަންކާ ޗޯޕްޅާ އާއި ޒެކް އެފްރޯން އަށް އަނެއްކާ ވެސް އެކީގައި ފިލްމެއްގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ޑައިރެކްޓަރު ނިކޮލަސް ސްޓޯލާ ހަދަން ނިންމާފައިވާ ކޮމެޑީއެއް ކަމަށެވެ. އޭޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ޔޫއާ ކޯޑިއަލީ އިންވައިޓެޑް" އެވެ.
ސްޓޯލާގެ އާ ފިލްމު "ޖަޖްމަންޓް ޑޭ" އަކީ އެމެޒޯން އެމްޖީއެމުން އުފައްދާ ފިލްމެކެވެ. މީގެ ކާސްޓްގައި ޕްރިޔަންކާ އާއި ޒެކްގެ އިތުރުން ވިލް ފެރެލް އާއި މައިކަލް ޕީނާ އާއި ރެޖީނާ ހޯލް އާއި ޖިމީ ޓެޓްރޯގެ އިތުރުން ބިލީ އީޝްނާ ވެސް ހިމެނެ އެވެ.
ޕްރިޔަންކާ އާއި ޒެކް ކުރިން ފެނިފައިވާ ފިލްމަކީ 2017 ގެ "ބޭވޮޗް" އެވެ. އެއީ ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފީޗާ ވެސް މެ އެވެ. އޭނަގެ ކުރިއަށް ހުރި ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައިވާ "ދަ ބްލަފް" އާއި "ހެޑްސް އޮފް ސްޓޭޓް" ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ 2023 ގެ "ލަވް އެގެއިން" އިންނެވެ.
އޭނަ މިހާރު އަންނަނީ ގިނަ ދުވަސްތަކެއް ފަހުން އިންޑިއާގެ ފިލްމެއް ވެސް ކުޅެމުންނެވެ. އެއީ "ބާހްބަލީ" އާއި "އާރްއާރްއާރް" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ، ތެލެގޫ އެކްޓަރު މަހޭޝް ބާބޫއާ އެކު ހަދަމުންނެވެ. ޕްރިޔަންކާ އަށް ހުށަހަޅާފައިވާ އިންޑިއާގެ ފިލްމުތަކުގެ ތެރޭގައި ތެލެގޫ އެކްޓަރު އައްލޫއާ އަރުޖުންއާ އެކު ޑައިރެކްޓަރު އެޓްލީ ހަދަން ނިންމާފައިވާ ފިލްމާއި ރިތިކް ރޯޝަން ޑައިރެކްޓްކޮށް، ކުޅެން ހަމަޖެހިފައިވާ "ކްރިޝް 4" ހިމެނެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ އިންޑިއާ ފިލްމަކީ ބޮލީވުޑްގެ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.