Last Updated: April 18, 20:01
Saturday, April 19, 2025
ޚަބަރު

ސާޖިދާގެ ފަރާތުން ސިވިލް ކޯޓާއި ފެމިލީ ކޯޓަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނަ އާއި އެ ޕާޓީގެ މައްޗަށް ސިވިލް ކޯޓާއި ފެމެލީ ކޯޓްގައި ދައުވާކޮށްފި އެވެ.

އެ ދެ ކޯޓްގައި ރަޖިސްޓްރީކޮށްފައިވާ އެ މައްސަލައިގައި މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތުންނެވެ.

ސާޖިދާގެ ޤާނޫނީ ޓީމު "ރެހެންދި ޗެމްބާސް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒުގެ މައްޗަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށް ދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމެލީ ކޯޓަށް ވަނީ މައްސަލަ ހުުށަހަޅާފައެވެ.

އެ މައްސަލަތައް ހުށަހަޅާފައި ވަނީ ޤާނޫނުއަސާސީ އާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށް ދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެ ކުދިންގެ ތަޢުލީމަށާއި މުސްތަގުބަލް އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭނެ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްބަދުގައި ކަމަށް ޤާނޫނީ ޓީމުން ބުނެފައިވެ އެވެ.

މީގެ އިތުރުން ފަސްޓްލޭޑީގެ ބޭފުޅުންނަށް ރާއްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުގައި ތިބެދާނޭ ކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޤާނޫނީ ޓީމުން ބުންޏެވެ. ވަކީލުންގެ ފަރާތުން އަލްއުސްތާޛާ އާޒިމާ ޝުކުރު ވިދާޅުވިއެވެ.

އެމްޑީޕީން ފެބްރުއަރީ މަހު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ރައީސްގެ ދަރިކަލު ވޭޕް ބޭނުންކުރާ ކަމަށާއި ސަރުކާރުން ވޭޕް މަނާކުރަން ނިންމީ އެކަމާ ހެދި ކަމަށް ބުނެ، އެ ނިންމުމަށް ވަރަށް ބޮޑަށް މަންދީ ފާޑު ކިޔައި ބަހުގެ ހަމަލާތައް ދީފައިވެ އެވެ. އެކަމާ ގުޅިގެން ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ.