މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ހުޅުވި އެމެރިކާގެ އެމްބަސީ ބަންދު ކުރަން އެ ގައުމުގެ މިހާރުގެ ސަރުކާރުން ނިންމައިފި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބަންދު ކުރަނީ އެ ގައުމުގެ ޑިޕްލޮމެޓިކް ސިޔާސަތަށް ގެންނަން ފަށާފައިވާ ބަދަލުތަކާއި ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެގޮތުން ބޭރުގެ 27 ޑިޕްލޮމެޓިކް މިޝަނެއް ބަންދު ކުރަން ނިންމާފައިވެ އެވެ.
އެގޮތުން ސްޓޭޓް ޑިޕާޓްމަންޓުން އެކުލަވާލި ލިސްޓެއް އާންމުވެފައިވާ އިރު، އޭގައި ހިމެނެނީ 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓެކެވެ. އެމެރިކާ އިން ބަންދު ކުރަން ނިންމި އެމްބަސީގެ ލިސްޓްގައި ރާއްޖެއާ އެކު އޭޝިއާ އަދި ކެރީބިއަންގެ ބައެއް ގައުމުތަކުގައި ހިންގަމުން އަންނަ އެމްބަސީތައް ވެސް ހިމެނެ އެވެ. އެގޮތުން ބަންދު ކުރަން ނިންމި އެމްބަސީތަކުގެ ތެރޭގައި މޯލްޓާ، ލަގްޒެމްބާގް، ލެސޯތޯ، ރިޕަބްލިކް އޮފް ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ދެކުނު ސޫދާން ހިމެނެ އެވެ.
ބަންދުކުރަން ނިންމި ކޮންސިއުލޭޓްތަކުގެ ތެރޭގައި ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތާއި ބޮސްނިއާ، ދެކުނު އެފްރިކާ އަދި ދެކުނު ކޮރެއާގެ ކޮންސިއުލޭޓް ހިމެނެ އެވެ.
އާންމުވި ލިސްޓާ ގުޅިގެން މީޑިއާތަކުން ސުވާލު ކުރުމުން ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސްއާ މީޑިއާތަކުން ސުވާލު ކުރުމުން ވިދާޅުވީ ސަރުކާރުގެ އެތެރޭގެ އެފަދަ ލިޔުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ.
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވީ 2023 ގެ ފަހުކޮޅު އެވެ. އެތަން ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގުގަ އެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އެންމެ ފަހުން ހުޅުވީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެތަން ހުޅުވީ ޖޫން 16، 2023 ގަ އެވެ.
Today we celebrated the reopening of Maldives' Embassy in D.C.! Thanks to Foreign Minister @abdulla_shahid for hosting. @State_SCA's Assistant Secretary Lu spoke about deepening ties with this important Indo-Pacific partner. pic.twitter.com/fc8C4qwoaM
— State_SCA (@State_SCA) June 16, 2023
އެ އެމްބަސީ ހުޅުވުމާ ހަމައަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ މުއާމަލާތްތައް ހިންގަމުން އައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ.
ރާއްޖޭގެ އެމްބަސީއެއް ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅެއް ވަންދެން ވެސް ހިންގި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެމްބަސީ ބަޖެޓްގެ ދަތިކަމާ ހުރެ ބަންދުކުރީ މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ގަ އެވެ.