އެމްޓީސީސީން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ފަހިކޮށް ދޭން ކުރިއަށް ގެންދިޔަ ޓަވަރުތައް އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލާގައި އެމްޓީސީސީގެ ކުރީގެ ވެރީންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އެންޓި-ކޮރަޕްޝަން (އޭސީސީ) އިން މިއަދު ވަނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފަ އެވެ.
ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހާއި ކުރީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި ހުރި ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ މަގާމުގައި އޭރު ތިބި ހުސައިން ޒުހުރީ އާއި މުހައްމަދު ނާޒިމާއި އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެމްޓީސީސީން ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 15 ފަންގިފިލާގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭފަދަ ހިލާފުތައް ވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް އެޑްވާންސް ޕޭމެންޓާއި ޕްރޮގްރެސިވް ޕޭމެންޓުތައް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އަދި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލު ކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާ އިރު، އެ އެއްބަސްވުން ބާތިލުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
އެހެންވެ މީގެ ސަބަބުން އެމްޓީސީސީއަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ މިކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާ އާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.
މި މައްސަލައިގައި އެމްޓީސީސީ އަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,2 މިލިއަން ރުފިޔާގެ ގެއްލުމުގެ އިތުރުން، ލިބިފައިވާ އިތުރު މާލީ ގެއްލުން ހިސާބުކޮށް އެ ފައިސާ ހޯދުމަށް އެމްޓީސީސީ އަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.