Last Updated: April 19, 06:16
Saturday, April 19, 2025
ޚަބަރު

ފްލެޓު ލިސްޓުން އެތައް ބަޔަކު ޑިސްކޮލިފައިވީ ކުރީގެ ޝަރުތު ބަދަލުކުރުމުން!

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު އެތައް ބަޔަކު ޑިސްކޮލިފައިވެފައިވަނީ ކުރީގެ ސަރުކާރުން އާއްމުކޮށްފައިވާ ޝަރުތުތަކަށް ބަދަލު ގެނެސްގެންކަން ހާމަވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު އާންމު ކޮށްފައިވާ ފްލެޓް ލިސްޓަށް ރޭގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 8000 އަށް ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ.

ހައުސިން މިނިސްޓްރީން ފްލެޓު ލިބިފައިވާ އެތައް ބަޔަކު ލިސްޓުން އުނިކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެދޮރުވެރިންގެ ޕޯޓަލްގައި ކަނޑައެޅި 6 ޝަރުތުގެ ތެރެއިން 5 ވަނަ ޝަރުތުކަމުގައިވާ، ހުށަހަޅާ ފަރާތުގެ ދަރިން ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުމުގެ ޝަރުތު އުނިކުރުމަށްފަހުއެވެ. ފްލެޓު ލިބޭ މީހުންގެ ޝަރުތު ކަމަށް 9 މާޗް 2025 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ ޢިއުލާނުގައި ވަނީ މި ޝަރުތު އުނިކޮށްފައެވެ.
ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އެއްވެސް ޝަރުތެއް މިސަރުކާރަކަށް އަދި އޭސީސީ އަށްވެސް އުނިނުކުރެވޭނެއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކުރިން އާއްމު ކުރި ޝަރުތުތަކަށް ބަދަލު ގެނެސްފައެވެ.

ފްލެޓަށް އެދޭމީހުންނަށް އެންމެފަސޭހައިން ހުށަހެޅޭ އެއް ލިޔުމަކީ އެމީހުންގެ ދަރިން މާލޭގެ ސްކޫލްތަކުގައި ކިޔެވި ނުވަތަ ކިޔަވަމުންދާ ކަމުގެ ލިޔެކިޔުންތަކެވެ. ގިނަމީހުންގެ އަތުގައި ކުރީގެ ލިޔެކިޔުންތަށް ނުހުންނާނެ ކަމަށް ބެލެވެއެވެ. އަދި އެކިއެކި ވާޒީފާތަކުގައި ގިނަމީހުން އުޅެފައިވުމުން އެހުރިހާ ތަނަކުން ލިޔެކިޔުން ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ގިނަ ކުންފުނިތައް އުވިގެން ގޮސްފައިވުމުން އެތަންތަނުން ލިޔެކިއުން ހޯދުމަކީ ކުރެވޭނެ ކަމެއްނޫނެވެ.

އަދި މާލޭގައި ހިންގަމުން ގެންދިޔަ އެމްއީއެސް އަދި އީޕީއެސް ފަދަ ސްކޫލްތައް ހުއްޓާލާފައިވާތީ މިހާރު އެސްކޫލްތަކުގެ ދަރިވަރުންގެ މައުލޫމާތު ހޯދުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އަދި މިނޫނަސް މާލޭގައި ކުރިން ހިންގަމުންގެންދިޔަ ވަރަށްގިނަ ސްކޫލްތައް ވަނީ ވުޖޫދުން ފޮހެވިގެން ގޮސްފައެވެ. މިހުރިހާ ސަބަބުތަކާއި ހެދި ފްލެޓަށް އެދޭމީހުންނަށް އެންމެފަސޭހައިން ހުށަހެޅޭނީ އެމީހުންގެ ދަރިންގެ މާލޭގެ ސްކޫލްތަކުގައި ކިޔެވި ނުވަތަ ކިޔަވަމުންދާ ކަމުގެ ލިޔެކިޔުންތަކެވެ.

ފްލެޓް ލިސްޓަގައި ހިމެނޭ ގިނަމީހުން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވަނީ އެމީހުން ހުށަހެޅި ލިޔެކިއުން ތަކުން 15 އަހަރު މާލޭގައި އުޅެފައިވާކަން އެނގެން ނެތްކަމަށް ބުނެފައެވެ. ގެދޮރުވެރިންގެ ޕޯޓަލްއިން ޝަރުތު ހަމަނުވާ ސަބަބުކަމަށް ބުނެފައިވަނީ، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާކަން ސާބިތުކުރުމަށް ހުށައަޅާފައިވާ ލިޔުންތަކުން މިސްކީމްގެ މުއްދަތު ހަމަވި ތާރީޙް 15 އޮކްޓޯބަރ 2022 ގެ ނިޔަލަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުގެ މުއްދަތު ފުރިހަމަ ނުވާ ކަމަށް ބުނެއެވެ. އަދި ހުށަހަޅާފައިވާ ލިޔުންތަކުން 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ މެދުކެނޑުމެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށް ބަޔާންކޮށެވެ. މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެދަށުން ފްލެޓް ދޫކުރުމުގެ އުސޫލު ނަންބަރު: 20- ޖީ/2022 ގެ 3 ގެ (ނ)ގެ ދަށުން ޝަރުޠު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިގެންނެވެ.

ޝަރުތު ހަމަ ނުވާކަމަށް ނިންމި ފަރާތްތައް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތުގެ މެދުކެނޑުމެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވަނީ ކޮން ލިޔެކިޔުމަކަށް ބަލާފައި ކަންވެސް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.
ފްލެޓަށް ހުށަހެޅި ގިނަ މީހުން 15 އަހަރު މާލޭގައި އުޅުނުކަމުގެ ލިޔެކިއުމުގެ ގޮތުގައި ހުށަހަޅާފައިވަނީ އެމީހެއްގެ ދަރިން މާލޭގެ ސަކޫލްތަކުގައި ކިޔެވި ނުވަތަ ކިޔަވަމުންދާކަމުގެ ލިޔެކިއުންތަކެވެ. އެއީ ހުށަހަޅާ ފަރާތުގެ ދަރިން ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުމަކީ ކުރީސަރުކާރުގެ ޝަރުތުތަކުގައި ހިމެނޭ ޝަރުތަކަށް ވާތީކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ގެދޮރުވެރިންގެ ޕޯޓަލްގައި ކަނޑައަޅާފައިވާ ޝަރުތުތައް.

މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތްތައެކަން އަންގައި ދިނުމުގެ ގޮތުން އަންނަނިވި ލިޔެކިޔުން ހުށަހެޅިދާނެއެވެ.
* 1. ވޭތިވެދިޔަ 15 އަހަރުތެރޭގައި ހުށަހަޅާ ފަރާތުން މާލޭގައި ވަޒީފާއަދާކުރި/މިހާރު ވަޒީފާ އަދާކުރަމުން ގެންދާ ތަންތަނުގެ ލިޔެކިޔުން.

* 2. ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގައި ވަޒީފާއަދާކުރި/މިހާރު ވަޒީފާ އަދާކުރަމުން ގެންދާ
ތަންތަނުގެ ލިޔެކިޔުން.

* 3. ވޭތުވެދިޔަ 15 އަހަރުތެރޭގައި ހުށަހަޅާ ފަރާތުން މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުން.

* 4. ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށްފަހު ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުންކިޔެވިކަން/ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުން.

* 5. ހުށަހަޅާ ފަރާތުގެ ދަރިން ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުން

* 6. ހުށަހަޅާ ފަރާތުގެ ޕެންޝަނާއި ބެހޭ ލިޔެކިޔުން

ރައީސް މުއިއްޒުގެ ސަރުކާރުން ކުރީސަރުކާރުގެ ޝަރުތުތައްކަމަށް ބުނެ އާންމުކުރި ޝަރުތުތައް.


– 1. މިދިޔަ 15 އަހަރު ތެރޭގައި މައި-އެޕްލިކަންޓް މާލޭގައި ވަޒީފާއަދާކުރި/ މިހާރު އަދާކުރާ ވަޒީފާ އާއި ގުޅޭ މައުލޫމާތު.
– 2. އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށްފަހު ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގައި ވަޒީފާ އަދާކުރި/މިހާރު އަދާކުރާ ވަޒީފާއާއި ގުޅޭ މައުލޫމާތު.
– 3. މިދިޔަ 15 އަހަރުގެ ތެރޭގައި އެޕްލިކަންޓް މާލޭގެ ސްކޫލު/ކޮލެޖް/ޔުނިވާސިޓީގައި ކިޔެވި/ ކިޔަވަމުންދާ ކަމުގެ މައުލޫމާތު
– 4. އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު މިދިޔަ 15 އަހަރު ތެރޭގައި މާލޭގެ ސްކޫލު/ކޮލެޖް/ޔުނިވާސިޓީއެއްގައި ކިޔެވި/ ކިޔަވަމުންދާކަމުގެ މައުލޫމާތު
– 5. އެޕްލިކަންޓުގެ ޕެންޝަނާއި ބެހޭ މައުލޫމާތު
– 6. އެޕްލިކަންޓުގެ ރަށްވެހިކަމުގެ މައުލޫމާތު (މިޝަރުތަކީ ގެދޮރުވެރިންގެ ޕޯޓަލްގައި ކަނޑައެޅި 6 ޝަރުތުގެ ތެރެއިން، 5 ވަނަ ޝަރުތުކަމުގައިވާ، ހުށަހަޅާ ފަރާތުގެ ދަރިން ވޭތިވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުމުގެ ޝަރުތު އުނިކުރުމަށްފަހު އާންމުކޮށްފައިވާ ޝަރުތެކެވެ.)

މި ލިޔުންތައް ފިޔަވައި އިތުރު ލިޔުންތަކެއް ބަލައިގަންނަން ނިންމިކަން އިއުލާން ކޮށްފައި ނެތް ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ. އަދި ކޮމިޓީގެ ގައިޑްލައިނަކަށް ވެސް ބަދަލު ގެނެސްފައި ނުވާ ކަމަށާއި އެހެންވެ، އެހެން ލިޔެކިޔުން ބަލައިގެންފައި ވަނީ އެގޮތަށް އަމަލު ކުރާކަން ލިޔުމަކުން އެނގެން ނެތި ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ. ގެދޮރުވެރިންގެ ޕޯޓަލްގައި ހިމެނޭ 5 ވަނަ ޝަރުތުކަމުގައިވާ، ހުށަހަޅާ ފަރާތުގެ ދަރިން ވޭތިވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުމުގެ ޝަރުތު އުނިކުރި ސަބަބެއް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ނުވެއެވެ.

މިފަހަރު ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހަމައެކަނި މެސެޖެއްގެ ގޮތުގައި އެމީހަކު ބުނަން ބޭނުންވާ ވާހަކައެއް ބުނުމަށް ހުޅުވާލައި އިތުރު އެއްވެސް ލިޔެކިޔުމެއް އަޕްލޯޑް ނުކުރެވޭ ގޮތަށް ހުޅުވާލީ ކުރީގައި ދެ ފަހަރެއްގެ މަތިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވާތީ ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުން ޝަކުވާ ހުށަހަޅާފައި ވާނެތީކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީމް ޕީއެސްއެމް އިން މައުލޫމާތު ހިއްސާ ކުރައްވުން ވިދާޅުވެފައިވެއެވެ.

ނަމަވެސް ކުރީސަރުކާރުން ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަހަޅާފައިވަނީ ހަމައެކަނި ފްލެޓް ލިސްޓަށް ޝަރުތުހަމަ ނުވުމުން ފްލެޓް ލިބިފައި ނުވާ ފަރާތްކެވެ. ފްލެޓް ލިބިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ނުޖެހޭނެކަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީމް އަށް ވެސް އެނގިވަޑައި ގަންނަވާނެއެވެ.

4 ހާސް ފްލެޓްށް ޝަރުތުހަމަވެ، ފްލެޓް ލިބިފައިވާ ފަރާތްތައް މާލޭގައި މެދުނެކެނޑި 15 އަހަރު އުޅުނުކަން އެނގެން ނެތް ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެފަރާތްތަކުގެ ޝަރުތު ހަމަނުވާ ކަމަށްނިންމާފައިވަނީ އެފަރާތްތަކަށް 15 އަހަރު މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތު ކޮށްދިނުމަށް އިތުރު ލިޔެކިޔުން ހުޅަހެޅުމުގެ ފުރުސަތު ނުދީއެވެ. އަދި މިއީ ބޮޑު ބޭއިންސާފެކެވެ.
ގެދޮރުވެރިންގެ ޕޯޓަލްގައި ކަނޑައެޅި 6 ޝަރުތުގެ ތެރެއިން، 5 ވަނަ ޝަރުތުކަމުގައިވާ، ހުށަހަޅާ ފަރާތުގެ ދަރިން ވޭތިވެދިޔަ 15 އަހަރުތެރޭގައި މާލޭގެ ސްކޫލް/ކޮލެޖް/ޔުނިވާރސިޓީ އެއްގައި ކިޔެވިކަން/ ކިޔަވަމުންގެންދާކަން އަންގައިދޭ ލިޔެކިޔުމުގެ ޝަރުތު އުނިކުރި ސަބަބުވެސް ހައުސިން މިނިސްޓްރީން އާންމުކުރަންވާނެއެވެ. އަދި ކުރިން ނިންމާފައިވާ ޝަރުތެއް ފަހުން ބަދަލު ކުރުމަކީ މުޅި ނިޒާމު ގަނޑުބަޑުކޮށްލުމެވެ.