ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި 2-1 އިން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު، އާސެނަލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެވެ. އެއާއެކު އާސެނަލް ސެމީއަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މިއީ 2009 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އާސެނަލް ވާދަކުރާ ފުރަތަމަ ފަހަރެވެ. ސެމީގައި އާސެނަލް ބައްދަލުކުރާނީ ފްރާންސްގެ ޕީއެސްޖީއާ އެވެ.
ރެއާލް ދަނޑުގައި މިރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ކުރީކޮޅު އާސެނަލަށް ވަނީ ލީޑުނަގަން ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ރެއާލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އާސެނަލުން ވަނީ ލީޑު ނަގައިފަ އެވެ. މިކޭ މެރީނޯ ދިން ޕާހަކުން މެޗުގެ 65 ވަނަ މިނިޓްގައި އާސެނަލަށް މި ގޯލު ޖަހައިދިނީ ސަކާ އެެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ރެއާލުން އިތުރު ގޯލެއް ކާމިޔާބުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް އާސެނަލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ. މި މެޗުން އާސެނަލް މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ގެބްރިއެލް މާޓިނެލީ އެވެ.