އައްޑޫ ސިޓީގެ ބައެއް މަގުތައް އަނދިރީގައި އޮންނަތާ އެތައް ދުވަހެއް ވެފައިވާތީ އައްޑޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައްޑޫ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހިތަދޫ މޫލެކެޑެ ދާއިރާގެ މެންބަރު އަހުމަދު ސައީދު ވިދާޅުވީ އިންޑިއާގެ ޖީކޭޑީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަގުތައް އަނދިރީގައި އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި މިކަމާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އޮންލައިންކޮށް ބައްދަލުކުރަން ކައުންސިލުން ސިޓީއެއް ފޮނުވި ނަމަވެސް މިހާތަނަށް ވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
މި މައްސަލަ ރޯދަ މަހަށް ހައްލުކޮށްދޭނެ ކަމަށް މިނިސްޓްރީން ބައެއް އިސްވެރިން ކުރިން ވިދާޅުވި ނަމަވެސް އެކަން ހައްލުވެފައި ނުވާކަން ފާހަގަކުރައްވަމުން ސައީދު ވަނީ މިނިސްޓަރު މުއްތަލިބް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މިކަމާ ގުޅޭގޮތުން ސުވާލުކުރަން މަޖިލީހުގައި އައްޑޫ ތަމްސީލުކުރާ މެމްބަރުންނަށް ގޮވާލާފަ އެވެ.
"މިއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން ހުރި މައްސަލައަކަށް ވެފައި، މި މައްސަލައިގައި އެއްވެސް ކަންބޮޑުވުމެއް މިނިސްޓަރު މުއްތަލިބްގެ ނެތް،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން ޖީކޭޑީ ކުންފުންޏަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ސަރުކާރުން ނުދައްކާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޖީކޭޑީ ކުންފުނިން ލައިޓުތައް ނުޖަހަނީ ވެސް އެ ސަބަބާއި ހުރެ ކަމަށާއި މިކަމުގައި މިނިސްޓަރާއި ބައްދަލުކުރެވޭނެ ގޮތެއް ހަދައިދިނުމަށް ސައީދު ވަނީ މޭޔަރު އަލީ ނިޒާރަށް އިލްތިމާސްކޮށްފަ އެވެ.
މިކަމާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި ޖީކޭޑީއާ ހަވާލުކޮށްގެން ހެދި އެއްވެސް މަގެއްގައި ލައިޓެއް ނެތް ކަމަށެވެ. މިކަމުގައި ތަކުރާރުކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އާދޭސްކުރަމުންދާއިރު ވެސް މިކަމަށް ހައްލެއް ނުލިބޭ ކަމަށާއި ވީހާވެސް އަވަހަކަށް މިކަން ރަނގަޅުކޮށް ހިދުމަތް ފޯރުކޮށްދޭން ނިޒާރު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.