އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މެމްބަރުންގެ މައްޗަށް އެކި ނަންނަމުގައި ދައުވާތައް ކުރިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ދައުވާކުރަން މެޑަމް ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް ކަމަށާއި މިއީ އެމްޑީޕީއަށް އައު ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަމަކުން އެމްޑީޕީ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ކަމަށް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން @faya_i އާއި ޕާޓީގެ އިސް ޚިދުމަތްތެރީންގެ މައްޗަށް ސިޔާސީ ބޭނުމަށް އެކި ނަންނަމުގައި ކުރާ ދަޢުވާތަކަކީ އެމްޑީޕީގެ އަޑު ކަނޑުވާލުމުގެ މަޤްސަދުގައި ހިންގާ ފިނޑި އަމަލެއް.
މިއީ @MDPSecretariat އަށް އައު ކަމެއް ނޫން އަދި އެފަދަ ކަމަކުން އަޅުގަނޑުމެން…
— Ibrahim Mohamed Solih (@ibusolih) April 16, 2025
މި މައްސަލައާ ގުޅިގެން މީގެކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސްގެ އާއިލާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެ ފަރާތްތަކާމެދު ދައުވާކުރައްވަން ނިންމަވައި، އެޅުއްވި މި ފިޔަވަޅަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅެއް ކަމަށެވެ.