Last Updated: April 19, 09:17
Saturday, April 19, 2025
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްއަކީ އެމްއޭސީއެލްގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކަމަށެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ސެޝަން ހާއްސަކޮށްފައިވަނީ "ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް" ގެ މައުޟޫއަށެވެ. މި ސެޝަންގައި ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކުނި މެނޭޖްކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

މި ސެޝަން ނަގައިދީފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުންނެވެ. އެ ބޭފުޅުން ވަނީ ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފަ އެވެ.

އެމްއޭސީއެލް "ގްރީން އެއާޕޯޓް" އިނީޝިއޭޓިވްގެ ދަށުން ހަކަތައާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ސަސްޓެއިނަބަލް ގޮތެއްގައި ހިންގުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްދާނެ އެވެ.