Last Updated: April 19, 09:14
Saturday, April 19, 2025
މުނިފޫހިފިލުވުން

'ދަ ރޯޔަލްސް' ގެ ޕްރީމިއާ މެއި 9 ގައި

ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިންޑިއާގެ އާ ސީރީޒް "ދަ ރޯޔަލްސް" ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 9 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ސީރީޒަކީ ކާމިޔާބު ފިލްމުުތަކެއް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސްް (ޕީއެންސީ) އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ އެެއްޗެވެ.

މި ޒަމާނުގެ ލޯބި ދައްކުވައިދޭ "ދަ ރޯޔަލްސް" ގެ ކާސްޓްގައި އިޝާން ޚައްތަރު، ބޫމީ ޕިޑްނޭކަރް، ނޯރާ ފަތުހީ، ޑީނޯ މޯރިިއާ، ޒީނަތު އަމަން، ސާކްޝީ ތަންވަރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު ފަދަ ފަންނާނުން ހިމެނެ އެވެ.

މީގެ ޑައިރެކްޓަރުންނަކީ ނުޕޫރް އާސްތާނާ އާއި ޕްރިޔަންކާ ގޯސް އެވެ. ކުރިން ވެސް "ފޯ މޯ ޝޮޓްސް" ފަދަ ކާމިޔާބު ސީރީޒްތަކުގައި ހިއްސާވި ނުޕޫރަކީ ސޯނަމް ކަޕޫރާއި އަޔޫޝްމަން ކްރާނާގެ "ބޭވަކޫފިޔާން" އާއި ސާގިބް ސަލީމްގެ "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.

ޕީއެންސީން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސުރް"، "ކާންޓޭ"، "ޖަންކާރް ބީޓްސް"، "ޗަމޭލީ"، "ޕިޔާރު ކޭ ސައިޑް އިފެކްޓްސް" އަދި "ޝާދީ ކޭ ސައިޑް އިފެކްޓްސް" ފާހަގަކޮށްލެވެ އެވެ.