އައްޑޫގައި ކާޅު ގިނަވެ، އޭގެ ސަބަބުން ދޮންދީނި އަށް ގެއްލުންވަމުންދާތީ އައްޑޫ ނޭޗާ ޕާކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައްޑޫގެ ރަމްޒެއް ކަމަށްވާ އަދި އަައްޑޫގެ ފަހުރެއް ދެކޭ ކަމަށް ދޮންދީނި އަށް މި ފަހުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލަ އަކީ ކާޅުތަކުގެ ނުރައްކަލެވެ. އެގޮތުން ދޮންދީނިތަކަށް ހަމަލާ ދިނުމާއި ޅަ ދޫނިތައް ކެއުމާއި ދޫނިތަކުގެ ބިސް ބުއިން ފަދަ މައްސަލަތައް ކާޅުތަކުގެ ސަބަބުން ދަނީ ދިމާވަމުންނެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް އައްޑޫ ނޭޗާ ޕާކުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް އޮތް ނުރައްކަލުގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ.
އެ ވީޑިއޯގައި ނޭޗާ ޕާކްގެ ސީނިއާ ޕާކް ވާޑެން ނަޖުދު ބުނީ އައްޑު ހާއްސަ ދޫންޏެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ދޮންދީނީގެ އާބާދީ އަށް ނުރައްކަލަށް ހުށަހެޅިދާނެ ކަންކަން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އައްޑޫގައި ބިޔަ ގަސްތައް ކަނޑަމުން ދިއުމާ ގުޅިގެން އެފަދަ ގަސްތައް މަދުވަމުން ދިއުމުގެ އިތުރުން މިހާރު އޮތް އެންމެ ބޮޑު ބިރަކީ އައްޑޫގައި ކާޅު އިތުރުވަމުން ދިއުން ކަމަށް އޭނަ ބުންޏެވެ.
"އެހެންވީމަ ގަސްތައް ކެނޑުމާއި އައްޑޫގެ ވެއްޓަށް ތައާރަފުވެގެން މި އުޅޭ ކާޅުގެ ސަބަބުން ކުރިމަތިވާ ތުރާތަކަށް އެބަޖެހޭ އަވަސް ހައްލެއް ހޯދައި ދޭން." ނަޖުދު ބުންޏެވެ.
އައްޑޫގައި ކާޅު އިތުރުވެ، ދޮންދީނި އަށް ގެއްލުންވަމުންދާތީ މީގެ ކުރިން ވެސް ގިނަ ބަޔަކު މިކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އައްޑު އަކީ ކުރިން އެއްގޮތަކަށް ވެސް ކާޅު އުޅޭ ތަނެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި ކާޅުގެ އުނދަގޫ ބޮޑުވާން ފެށީ ބަޔަކު ކާޅުތަކެއް ގެނެސް އައްޑު އަށް ދޫކޮށްލުމާ ގުޅިގެންނެވެ.
އައްޑޫގެ ބައެއް އަވަށްތަކުގައި ކާޅު އުނދަގޫގެ ބޮޑުވެގެން 2020 އާއި 2021 ގެ ތެރޭގައި ސިފައިން ބަޑި ޖަހައި ކާޅުތަކެއް މަރާފައި ވެސް ވެ އެވެ.