Last Updated: April 19, 10:49
Saturday, April 19, 2025
ޚަބަރު

އެޑިކްޓުންނަށް ވޮލަންޓިއާކޮށް އެހީވާން ހުޅުވާލައިފި

މަސްތުވާތަކެތިން ސަލާމަތްވާން ފަރުވާ ހޯދާ މީހުންނަށް އެހީވުމުގެ ފުރުސަތި އެ ވަބާއިން ސަލާމަތްވެފައިވާ މީހުންނަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހުޅުވާލައިފި އެވެ.

އެގޮތުން ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ފަރުވާ ހޯދާ މީހުންނަށް މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށް ދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރެވޭނެ އެވެ.

އެންޑީއޭ އިން ބުނީ 30 މީހަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

މިކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި، މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން ހިމެނެ އެވެ. އަދި އެފަދަ މީހުންނަކީ ހިލޭ ސާބަހަށް މި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް ވެސް ވާން ޖެހެ އެވެ.

އެންޑީއޭ އިން ބުނީ އެޑިކްޓުންނަސް ވޮލަންޓީއާކޮށް އެހީތެރިކަން ފޯރުކޮށް ދޭން އެދި ކުރިމަތިލާ މީހުން މަސައްކަތް ކުރާނީ ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގައި ހާފްވޭހައުސް، ދަގެނާ އާއި އައްޑޫ ހުޅުދޫ ވިލުނު ސެންޓަރާއި ތިނަދު އާއި އައްޑު ހިތަދޫ އަދި ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ މީހުންނަށް އެކަން ލިޔުމަކުން އެންޑީއޭ އީމެއިލް ކުރެވޭނެ އެވެ.