Last Updated: April 19, 10:49
Saturday, April 19, 2025
ޚަބަރު

އާދީއްތަ ދުވަހު 'ޓްރޭޑިއަން' ބޭނުން ކުރަން ފަށަނީ

ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދި އެކްސްޕޯޓްކުރާ ފަރާތްތަަކަށް ފަސޭހަކަމާ އެކު އެއް ޕްލެޓްފޯމަކުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ފަރުމާކުރި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހު ފެށިގެން ބޭނުން ކުރަން ނިންމައިފި އެވެ.

"ޓްރޭޑިއަން" ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ "ޓްރޭޑިއަން" ޕްލެޓްފޯމް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީކޮށް ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބޭނުން ކުރަން ފެށުމާ އެކު، އެ ކުންފުނިން ފޯރުކޮށް ދެމުން އަންނަ ބައެއް ހިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި އަންނަ ޖޫން މަހުގެ 1 އިން ފެށިގެން ހިދުމަތްތައް ފޯރުކޮށް ދޭނީ ހަމައެކަނި 'ޓްރޭޑިއަން" މެދުވެރިކޮށް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ މަރުހަލާގެ ދަށުން އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން (އީޓީއޭ) އަދި ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ޓްރޭޑިއަންއަށް ބަދަލުކުރެވޭނެ ކަމަށެވެ.

ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ.