އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަ ކުރައްވާފައި ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މެއި މަހުގެ 3 ވަނަ ދުވަހު އެމަނިކުފާނު ކުރިއަށް ގެންދަވާ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށާއި، މިހާރުން ފަށައިގެން އެކަމަށް ތައްޔާރުވާން، ނޫސްވެރިންނަށް ދަޢުވަތު ދެއްވާ ކަމަށެވެ.
މީގެ އިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ހުރިހާވެސް އަމާޒަކީ ނަތީޖާ ނެރެދެއްވުން ކަމަށާއި، އެހެންކަމުން ގިނަ ވަގުތު ހޭދަކުރައްވަނީ މަސައްކަތުގެ ތެރޭގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، މަޢުލޫމާތު ޙިއްޞާ ކުރެއްވުމާ ގުޅުން ހުރި ކަންކަމަށް ވަގުތު ހުސްކުރައްވާނެ ކަމަށާ، ކުރިއަށް އޮތްތަނުގައި ސީދާ ނޫސްވެރިންނަށްވެސް ވަގުތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.