Last Updated: April 19, 10:13
Saturday, April 19, 2025
ޚަބަރު

ސަޢުދީން 25،000 މުސްޙަފް ހަދިޔާކޮށްފި

މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުޞްޙަފު، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް މިއަދު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ޝިޕްމެންޓުގައި 25،000 މުޞްޙަފު ސައުދީ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވާ ކަމަށެވެ.

މި މުޞްޙަފުތައް ހަވާލުކޮށްފައި ވަނީ މިނިސްޓްރީއާއި ސަޢޫދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގަ އެވެ. މި މުސްޙަފްތައް ވުޒާރާއާއި ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމް ވަނީ، ރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިއީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހާމަވެގެންދާކަމެއްކަމަށާއި ސަޢުދީ ސަރުކާރުން ހަދިޔާކުރި މުސްޙަފްތަކަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވި އެވެ.