އެސްޓީއޯއިން ގެނެސް ވިއްކާ ތެޔޮ އެކުންފުނިން ވިއްކާ އަގުގައި ހުރިހާ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، އެއީ، ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް، އަދި ވަސީލަތް ޤާއިމުކުރުމުގެ ގޮތުންވިޔަސް ވަރަށްގިނަ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅެއްގައި އެސްޓީއޯގެ ތެޔޮ ލިބޭ ނިޒާމު ޤާއިމުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެސްޓީއޯއާ އެ ޕްރޮޖެކްޓް ހަވާލުކުރެވިގެން މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ކޮންމެ އަތޮޅެއްގައި، އަޅުގަނޑުމެން ކަނޑައެޅި ރަށުގައި، މި އަހަރު ނިމޭއިރަށް، އެސްޓީއޯގެ ފިއުލް ސްކިޑް އިރާދަކުރެއްވިއްޔާ ޤާއިމުވާނެ. ޤާއިމުވީމާ އެސްޓީއޯ ރޭޓުގައި، އިރާދަކުރެއްވިއްޔާ އެ އަތޮޅުން ތެޔޮ ލިބޭނެ އިނގޭތޯ. ދެން އެ ކޮމްޕެޓެޓިވް މާކެޓެއްވީމާ، ދެން އަގުބޮޑުކޮށް ވިއްކާ ފަރާތްތަކަށް މަޖުބޫރު ވެގެންދާނެ އަގު ކުޑަކުރަންވެސް،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އައިސް ހޯދުމުގެ ކަންތަކުގައިވެސް ވަރަށްގިނަ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެގޮތުން އާރުއެސްޑަބްލިޔޫ ނިޒާމު ދޯނީގައި ޤާއިމުކުރުމަށް ވެސް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯގެ ރޭޓުގައި ޑީސަލް ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.