މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 20ވާ އާދީއްތަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 29ގެ ނިޔަލަށް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޤައުމީ އިނާމަށް މިއަހަރު ހުޅުވާލަން ނިންމާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ.
ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.