ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުވާ މައްސަލައިގައި އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އީސަގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. މި ދައުވާ އީސަގެ މައްޗަށް އުފުލީ އަސްރާ ފުލުހުންނަށް ބަޔާން ދިނުމުން ކަމަށްވާއިރު، އަސްރާ ފަހުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން އެދިފަ އެވެ.
ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޖިނާއީ ކުށުގެ ބައި ތަހުގީގުކޮށް ފަހުން ވަނީ އީސާގެ މައްޗަށް ދައުވާ އުފުލާފަ އެވެ. މި ދައުވާއަށް އީސަ ވަނީ އިންކާރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ މި މައްސަލަ ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައި ނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.
ދައުވާގައި ބުނާ ގޮތަށް އަސްރާއަށް އަނިޔާކުރި ކަމަށް އަސްރާ ބުނި ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށާއި އަދި މި މައްސަލައިގައި އަސްރާ އާއި ބައެއް ހެކިން، ހެކި ބަސް ދޭން ބޭނުން ނުވިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.