Last Updated: April 19, 11:54
Saturday, April 19, 2025
ޚަބަރު

ނުކުޅެދުންތެރިންނަށް ވަޒީފާ ދޭން ވެމްކޯއިން އެއްބަސްވުމެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ފަޤީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ވެމްކޯ އިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދިނުމާ ގުޅޭ އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ކުންފުންޏާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީންނެވެ.

މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަންކޮށް މަސައްކަތްތަކަށް އަހުލުވެރި ވެސް ކުރެވޭ އިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެފަދަ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީން ކުރެވިގެންދާނެ އެވެ.

އެއާއެކު، "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަން ހުރިކަން ކަށަވަރު ކުރެވިގެން ދާނެ އެވެ.

ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމާއި، ބަރޯސާވުން ކުޑަކޮށް، އަބުރުވެރިކަމާ އެކު ދިރިއުޅޭ އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މި މަސައްކަތުގެ ތެރެއިން ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އުޅެވޭނެ މަގު ވަހިވެގެންދާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ. އަދި މީގެ ސަބަބުން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބާރެއް ލިބޭނެ އެވެ.