Last Updated: April 19, 11:54
Saturday, April 19, 2025
މުނިފޫހިފިލުވުން

ކުޑަހައްޖަ ފިލްމު ކުޅުން ހުއްޓާލައިފި!

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ހޯދި ބަތަލާ ހަދީޖާ އިބްރާހީމްދީދީ (ކުޑަހައްޖަ) ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.

ކާމިޔާބު ފިލްމުތަކާއި ސިލްސިލާތަކާއި ކުރު ފިލްމުތަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ ބަތަލާ އެންމެ ފަހުން ފެނިފައ ވަނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މިދިޔަ އަހަރު ގެނެސްދިން ފިލްމު "ލަސްވިޔަސް" ގެ ރޯލަކުންނެވެ.

"ދިވެހި އެފްއެމް" އަށް ދިން އިންޓަވިއުއެއްގައި ކުޑަހައްޖަ ބުނީ އެ ފިލްމަކީ އޭނަގެ ވަދާއީ ފިލްމު ކަމަށާއި ދެން ފިލްމީ ދާއިރާ އިން ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

"ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތަކުން ހައްޖަ ފެނުމުގެ އެއްވެސް ފުރުސަތެއް ނެތް،" ފުވައްމުލަކަށް އުފަން ބަތަލާ ބުންޏެވެ. "ހިތުގައި ވެސް ދެން ނެތް ފިލްމީ މަސައްކަތެއް ކުރާކަށް."

ހައްޖަ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ވެހޭ ވާރޭތެރެއިން"، "އޭނާ" އަދި "ލޫދިފާ" ހިމެނެ އެވެ. މި ފަހުން ހައްޖަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ދެ ފިލްމަކުން ވެސް ސަޕޯޓިން ރޯލުތަކުން ފެނިފައިވެ އެވެ. އެއީ "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވަކިން ލޯބިން" އެވެ. ދެހާސް ނަވާރައިގައި ރިލީޒްކުރި "ވަކިން ލޯބިން" އިން ކުޑަހައްޖަ އަށް 9 ވަނަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ސިލްސިލާ އަކީ "ހިނިތުންވެލާށޭ ކަލާ" އެވެ.

ހައްޖަ އަކީ ފުވައްމުލަކުން ރާއްޖޭގެ ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއިންގެ އެންމެ ފާހަގަކޮށްލެވުނު އެކެކެވެ. އެ ސިޓީން ނުކުތް މަޝްހޫރު ތަރިންގެ ތެރޭގައި ކުރީގެ ބަތަލާއިން ކަމަށްވާ ޖަމްޝީދާއި އަހުމަދާއި މަރިޔަމް އަފީފާ އާއި ސަޖްނާ އަހުމަދު ހިމެނެ އެވެ.