ގަން އެއާޕޯޓުގެ ތަރައްޤީގައި ހިމެނޭ މަގު ހެދުމުގެ މަޝްރޫއު އަށް ހުރަސްއެޅުނު އިކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އީކުއޭޓާ ވިލެޖްގެ ލޭބާ ކުއާޓާ ސަރަހައްދުގެ މައްސަލައާ މެދު ކަމާބެހޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން މިނިސްޓްރީ އަށް މިއަދު އަންގާފައިވާ ކަމަށެވެ.
"އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަނެޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ،" މުއްތަލިބު ވިދާޅުވި އެވެ.
މުއްތަލިބު ވަނީ މި މައްސަލަ މިނިސްޓްރީން އެދުނު ތާރީޚަށް ޙައްލުވެގެން ދިޔައީ އައްޑޫ ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށްފަ އެވެ.
އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ހުންނަނީ އީކުއޭޓަ ވިލެޖް ހިންގާ އިމާރާތް ހުންނަ ބިމާއި ވަކިން މަގުގެ އަނެއް ފަރާތުގަ އެވެ. އެ އިމާރާތަކީ އިނގިރޭސިން ގަމުގައި ތިބި އިރު ބޭނުން ކުރި އިމާރާތެކެވެ. އެއާޕޯޓު މަޝްރޫއުގެ ތެރެއިން ގަމުގެ މަގު ހަދާ އިރު އީކުއޭޓާގެ މުވައްޒަފުން ތިބޭ އިމާރާތުގެ ބައެއް ނަގަން ޖެހެ އެވެ.
އައްޑޫ އެއާޕޯޓް ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހުސްކުރަންޖެހޭ އީކުއޭޓާ ވިލެޖްގެ މުވައްޒަފުން ތިބޭ ކޮޓަރިތައް މިހާރު ހުސްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކޮޓަރިތައް ހަވާލު ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އީކުއޭޓާ ވިލެޖުން ކޮޓަރިތައް ހުސްކުރި އިރު މީގެ ދެ ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ ސާވޭ ޓީމެއް ވަނީ އެ އިމާރާތް ހުރި ބިމުގެ ސާވޭއެއް ވެސް ހަދައިފަ އެވެ.