ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން އެކަމަށް ދޫކުރާ ޚާއްސަ ލައިސެންސް ނަގަން ހެލްތް މިނިސްޓްރީން އަންގައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގެ ދަށުން އާންމުކޮށްފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ލައިސަންސްތައް ހޯދުމަށާއި، ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެހެން ކަމުން ލިސްޓް ކުރެވިފައިވާ ހިދުމަތްތައް ލިބިގަތުމަށް (ވަންގަވް) ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި މިހާރު ދުންފަތުގެ ވިޔަފާރި ކުރަމުންދާ ގެންދަވާ ފަރާތްތަކުން މިއަދުން ފެށިގެން ތިން މަސްދުވަހު ތެރޭގައި ލައިސަންސް ނެގުމަށް ވަނީ އެދިފަ އެވެ.
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރާ ލައިސެންސްތައް:
* ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
* ދުންފަތުގެ ބާވަތްތައް އިމްޕޯރޓުކުރުމުގެ ލައިސަންސް
* ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯރޓުކުރުމުގެ ލައިސަންސް
* ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން
މި ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް އައު ކުރައްވަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.
ފަސް އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާ އަދި އެ ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްސީލް ވެސް ވަނީ ހާމަކޮށްފަ އެވެ.
* ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކަން ދޫކުރާ ލައިސަންސް – 5000 ރުފިޔާާ
* ލައިސަންސް އާ ކުރުމަށް 5,000 ރުފިޔާ
* ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ
* ލައިސަންސް އާ ކުރުމަށް – 10,000 ރުފިޔާ
ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް – 10,000 ރުފިޔާ
* ލައިސަންސް އާ ކުރުމަށް – 10,000 ރުފިޔާ
* ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް – 10,000 ރުފިޔާ
* ލައިސަންސް އާ ކުރުމަށް – 10,000 ރުފިޔާ