ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހަމަޖައްސައިފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރު ފައިޞަލްއަކީ ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސްއެމްއެންއެސް އިކުއިޓީ ޗެމްބާގައި މަސައްކަތް ކުރައްވާފައިވެ އެވެ.
މީގެއިތުރުން 2014 މެއި 22 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައި، 2014 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވަންދެން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފައިވެ އެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ޖުލައި 24 ގަ އެވެ.