Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

މިސައިލު ގަތުމުގެ ބަދަލުގައި އިގްތިސާދު ހަމަޔަކަށް އަޅުވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

މިސައިލުތައް ގަތުމުގެ ބަދަލުގައި ފުރަތަމަ އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ގޮވާލައްވައިފި އެވެ.

މިސައިލް ފޮނުވޭ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ތުރުކީން ވަނީ ނިންމާފަ އެވެ. މި މަނަވަރު ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ މި މަހު ނުވަތަ އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގަ އެވެ.

މަނަވަރާއެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމުތައް އެކްޓިވޭޓް ކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ނިންމުމަށް ފަހު މި މަނަވަރު ދިވެހި ސިފައިންނާ ހަވާލުކުރާނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި މި މަނަވަރާއި ގުޅޭގޮތުން ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މިސައިލު ގެންނަން މިއަހަރުގެ ބަޖެޓުން ވެސް 500 މިލިއަން ހޯދަންޖެހޭ ކަމަށާއި އަންނަ އަހަރު އަދި މިއަށް ވުރެ ބޮޑު އަދަދެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި މިސައިލު ގަންނަން އުޅެނީ ކޮން ބަޔަކާއި ހަނގުރާމަ ކުރަންތޯ އާއި ރާއްޖެ އޮތީ ހަނގުރާމައިގެ ކޮޅިގަނޑެއްގައިތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.

ޔާމީން ވިދާޅުވީ މިފަދަ ގޮތަކަށް ކަންކުރާ ވަރަކަށް އަވަށްޓެރި ގައުމުތަކުން ރާއްޖެ ދެކެ އަންނާނީ ރުޅި ކަމަށާއި އިސްކަންދޭންވީ ކަންކަމުގެ ތަރުތީބު ވެސް އޮޅިފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޫރު މިހާރު އޮތް ފެންވަރަށް ދިޔުމަށް ހޯދީ މިސައިލު ފަދަ ތަކެތި ނޫން ކަމަށާއި ފުރަތަމަ އެގައުމުން ވެސް ހަމަޔަކަށް އެޅުވީ އިގްތިސާދު ކަމަށް ޔާމީން ވިދާޅުވި އެވެ.

"އޭގެ ފަހުންނޭ އެމީހުން މިކަހަލަ ކޭޕެބިލިޓީ ހޯދީ. ރާއްޖެ މިދަނީ މީގެ އަނެއްކޮޅަށް. މިހާރު މި އުޅެނީ ބިސް ނުފެނޭ އެކަމަކު ފިޔޮތްތަކެއް ފެނިގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.

މިސައިލްތައް ގަންނަ ކަމުގެ އަޑުތައް އަރާފައިވާއިރު ސަރުކާރުން މިހާތަނަށް މިކަމާ ގުޅޭ ގޮތުން ބަހެއް ބުނެފައެއް ނުވެ އެވެ.